Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރެފަރަންޑަމް ބިލް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހެވެ. ބިލު ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭ ގޮތަށް ބިލު ވަނީ ބަދަލުކޮށްފަ އެވެ.

ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެފަދަ ވޯޓެއް ނަގާ ނަމަ އެ ވޯޓެއް ނަގަން ނިންމާ ތާރީހާއި ވޯޓު ނަގާ ދުވަހާ ދެމެދު އޮންނަން ޖެހޭ މުއްދަތުތަކަށް ވެސް ކޮމެޓީން ބަދަލު ގެނެސްފައޮވެ އެވެ. އެކަމަކު ވަކި ސަރަހައްދެއްގައި ނަގާ ވޯޓުތައް އެ އުސޫލުން އިސްތިސްނާ ވާނެ އެވެ.

މީގެ އިތުރުން ރެފަރަންޑަމަކަށްދާ އިރު ހަރަދުވާނެ ކަމަށް އަންދާޒާކުރާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި ފައިސާ ދޫކުރަން ޖެހޭ ގޮތަށް އޮތްއޮތުން 10 ދުވަހަށް ބަދަލުކޮށްފައިވެ އެވެ.

މި ބަދަލުތަކާ އެކު ބިލު ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.