ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވައިފި އެވެ.
ނޭޕާލްގެ އެކި ސިޓީތަކުގައި މުޒާހަރާތައް ކުރަމުން އަންނަނީ އެގައުމުގައި ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި އަދި އެގައުމުގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ އިސްލާހީ ބަދަލުތައް ގެންނަން ނޭޕާލްގެ ސަރުކާރަށް ގޮވާލަމުންނެވެ.
ނޭޕާލްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝަރުމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މިހާރު ހިނގަމުންދާ ކަންކަމަށް ދުސްތޫރީ ހައްލެއް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު، ނޭޕާލްގެ ފުލުހުން އިއްޔެ ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. އެގޮތުން މުޒާހަރާ ތެރެއިން 19 މީހަކު މަރުވެފައިވާއިރު 400 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ނޭޕާލްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން އަންނަނީ ސަރުކާރުގެ ހިންގުމަށް އިސްލާހު ބަދަލުތައް ނުގެންނަނީސް މުޒާހަރާތައް ހުއްޓާ ނުލައި ކުރިއަށްގެންދާނެ ކަމަށް ބުނަމުންނެވެ.