Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

ދޮންފަނުން ބޭނުން ވަނީ ބިން ހިއްކަން، ނިންމުން ގެންދޭ

ބ. ދޮންފަނުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއު ކަމަށް ދޮންފަނު ކައުންސިލުން ބުނެފި އެވެ.

ދޮންފަނުގެ ބިން ހިއްކަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، އެރަށުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވާފަ އެވެ. އެ ނިންމުމާއެކު ދޮންފަނު ރައްޔިތުން އަންނަނީ އެ ރަށުގައި މުޒަހަރާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ދޮންފަނު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެދަން ނިންމީ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ރައްޔިތުން މިހާރު ބިން ހިއްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

ދޮންފަނުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއު ކަމަށާއި ރައްޔިތުންނާއި ކައުންސިލްގެ އެދުމާއި ދެކޮޅަށް ނިންމި ނިންމުން އަނބުރާ ގެންދިޔުމަށާއި އަދި މި މަޝްރޫއު ކުރިއަށް ގެންދަން އެއްވެސް ދަތިކަމެއް ވާނަމަ އެކަމެއް ހައްލުކޮށްދީ ރައްޔިތުން އެދިފައިވާ ގޮތަށް ވީހާވެސް އަވަހަކަށް މި މަޝްރޫއު ފެށުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ދޮންފަނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން އެމްޓީސީސީއާ އެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމި އިރު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއަންސް މޯލްޑިވްސް އިން ވަނީ ދޮންފަނުގެ ފަޅު ހިއްކުމާ ދެކޮޅަށް ޕެޓިޝަނަކަށް ވެސް ހުޅުވާލައިފަ އެވެ.

އެ ޕެޓިޝަންގައި މިހާތަނަށް ވަނީ 3000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.