Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ވުޟޫ ކުރުމުން ފާފަފޮހެވޭ!

ﷲ ޞުބުޙާނަހޫ ވަތަޢާލާއީ އެ އިލާހުގެ ރަޙްމަތް ތަނަވަސްވެވޮޑިގެންވާ އިލާހެވެ. ގިނަގިނައިން ފާފަ ފުއްސަވާ ޙަކީމްވަންތަ އިލާހެވެ. އިންސާނުންނަކީ ފާފަތަކަށް އެނގިގެންނާއި ނޭގިވެސް އަރައިގަނެވޭ ބައެއް ކަމުން އެ އިލާހުގެ ފުއްސެވުމަށް އިންސާނާ އަބަދުވެސް ވަނީ ބޭނުން ޖެހިގެންނެވެ. އެހެންކަމުން އެކަލާނގެ އޯގާވަންތަވެރިކަމުން އަޅުގަނޑުމެންނަށް ކުރެވޭ ފާފަތައް ފުހެވޭނެ ޢަމަލުތައް އެ އިލާހު ވަނީ ލައްވައިފަ އެވެ.

އޭގެތެރެއިން އެއްކަމަކީ ވުޟޫކުރުމެވެ. ވުޟޫކުރުމަކީ ކުދިފާފަތައް ދޮވެލާ ސާފުކޮށްލާ އަޅުކަމެކެވެ.

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވި އެވެ؛

“މުސްލިމަކު ނުވަތަ މުއުމިނަކު ވުޟޫކުރާހިނދު، އޭނާގެ މޫނު ދޮވެލުމުން އެ ފެނާ އެކު ނުވަތަ އެންމެ ފަހު ފެންތިއްކާ އެކު އޭނާގެ ދެ ލޮލުން އޭނާ ބަލާފައިވާ ފާފަތައް މޫނުން ނުކުމެގެންދެ އެވެ. ދެން އޭނާގެ ދެ އަތް ދޮވެލުމުން އެ ފެނާ އެކު ނުވަތަ އެންމެ ފަހު ފެންތިއްކާ އެކު އޭނާގެ ދެ އަތުން ކޮށްފައިވާ ފާފަތައް އޭނާގެ ދެއަތުން ނުކުމެގެންދެ އެވެ. އަދި އޭނާ އޭނާގެ ދެފައި ދޮވެލުމުން އެ ފެނާ އެކު ނުވަތަ އެންމެ ފަހު ފެންތިއްކާ އެކު އޭނާގެ ފައިން ހިނގާފައި ގޮސް ކުރެވިފައިވާ ފާފަތައް ނުކުމެގެންދެ އެވެ. އޭނާ(އަށް ކުރެވިފައިވާ ކުދި) ފާފަތަކުން އެއްކޮށް ތާހިރުވަންދެނެވެ.” (މުސްލިމް 244)

އަދިވެސް މުސްލިމް (245) ރިވާކުރެއްވިއެވެ. ޢުޘްމާނު ބުނު ޢައްފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.

“އެމީހަކު ވުޟޫކޮށް (ސުންނަތާ އެއްގޮތައް) އެވުޟޫ ފުރިހަމަކޮށްފި ނަމަ އޭނާގެ (ކުދި) ފާފަތައް ނުކުމެގެން ދާނެ އެވެ. ނިޔަފަތިތަކުގެ ދަށުން އޭނާގެ އެ ފާފަތައް ނުކުމެގެން ދާނެ އެވެ.”

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.