ނޫސްވެރިކަމަކީ ވަކި ކޮޅަކަށް ނުޖެހި ނުހަނު ޒިންމާދާރުކަމާ އެކު ކުރަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަން ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަށް ތާއީދު ކުރައްވާ މެންބަރު ވިދާޅުވީ އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންހާ ވާހަކައެއް ބޭނުން ގޮތަކަށް ދެއްކުމަކީ މިނިވަން ކަމެއް ނޫން ކަމަށެވެ.
ނިޒާރު އެގޮތަށް ވިދާޅުވީ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އޭގައި ހުސްނީ ވިދާޅުވެފައި އޮތީ އޭނައާ ޙަވާލާދީ ނޫހެއްގައި ޚަބަރެއް ޖެހި އިރު، އޭނަގެ ބަހެއް ހޯދާފައި ނެތް ކަމަށެވެ.
ހުސްނީގެ އެ ޕޯސްޓާ ގުޅުވައި ނިޒާރު ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ގާނޫނެއް މުހިއްމު ވަނީ އެފަދަ ކިތަންމެ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
ނިޒާރު ކުރިން ވެސް ވަނީ މީޑިއާ ބިލުގެ ދިފާއުގައި ވާހަކަ ދައްކަވައިގަ އެވެ. އޭނަ ވެސް ހިމެނޭ ގޮތަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންތަކެއްގެ ވާހަކަ މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓް ކިރުމުން އެކަމަށް ހިތްހަމަޖެހިވަޑައިނުގެން އޭނަ ސޯޝަލް މީޑިއާގައި ވިދާޅުވީ މެމްބަރުންގެ މާލީ ބަޔާނާ ގުޅޭ ގޮތުން މަޖިލީހުން ބަޔާނެއް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓް ހަދައި އާންމުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ގެނެސް ދީފައިވާ އެވެ. އެހެންވެ މީޑިއާ ބިލު އަވަސް ކުރުމަށާއި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް އެ ބިލު އަވަހަށް ފާސްކުރަން ގޮވާލެއްވި އެވެ.
އޭނަގެ މި ވާހަކަތަކަށް ފާޑުކިޔުންތައް އަމާޒުވުމުން ޕޯސްޓް ފަހުން ވަނީ ޑިލީޓްކޮށްލައިފަ އެވެ.