Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

ގައުމީ ޓީމުން ހޯދި ކާމިޔާބަށް ރައީސްގެ މަރުހަބާ

ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ގައުމީ ޓީމުން ހޯދުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ސްރީލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުކޮށްގެންނެވެ. އެގޮތުން ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 އިންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސައުތު އޭޝިއަން ސުޕަ ކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީ އަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ.

ލަންކާގެ ވެރިރަށް، ކޮލަމްބޯގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކު ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ބޯޅަ ގޯލަށް ވައްދާލައިގެން ދާދު ކާމިޔާބުކުރި ގޯލެކެވެ.

ލަންކާ އިން ދެވަނަ ހާފުގައި ގޯލުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ލަންކާއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޮލިވާ ކެލާޓް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ރާއްޖޭގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް ލަންކާއިން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި ރާއްޖޭގެ ތަޖުރިބާކާރު ކީޕަރު ފައިސަލްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗަކީ ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗެވެ.