Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

ނޭޕާލްގައި ތިބި ދިވެހިންގެ ކަންކަން ގާތުން އެބަ ބަލަން: މިނިސްޓްރީ

ނޭޕާލްގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގައި މިވަގުތު ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ނޭޕާލްގެ އެކި ސިޓީތަކުގައި މުޒާހަރާތައް ކުރަމުން އަންނަނީ އެގައުމުގައި ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި އަދި އެގައުމުގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށެވެ. މުޒާހަރާތައް ހޫނުވެ، އެންމެފަހުން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއްދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ދީފައިވެ އެވެ.

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިރައްޔިތުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވަނީ އެދިފަ އެވެ.

– ގުޅޭނެ ނަންބަރު: 919910040786‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬+