Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

ގަތަރަށް ދިން ހަމަލާ ރައީސް ކުށްވެރިކޮށްފި

އިޒްރޭލުން ގަތަރަށް މިއަދު ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހަށް ވައިގެ ހަމަލާއެއް ދީފައިވަނީ އެގައުމުގައި ތިބޭ ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށެވެ. މި ހަމަލާގައި ހަމާސްގެ އިސްވެރިންނަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި ހަމަލާ ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި މިނިވަން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. ރާއްޖެއިން ގަތަރާއެކު ދެމި އޮންނާނެކަން ހާމަކުރައްވަމުން ރައީސް ވަނީ އިޒްރޭލުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ.

އިޒްރޭލުން ގަތަރަށް ވައިގެ ހަމަލާއެއް ދީފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެންނަން ކުރާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމަކީ ވެސް ގަތަރެވެ.

އެގޮތުން ހަމަލާތައް ހުއްޓުމަކަށް ގެންނަން ހުށަހެޅި ކަންކަމަށް ހަމާސް ޖަމާއަތުން ވަނީ މިދިޔަ މަހުގެ މެދުތެރޭގައި އެއްބަސްވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އިޒްރޭލުން ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުން ބަލައިގެންފައެއް ނުވެ އެވެ.