Last Updated: July 8, 04:01
Tuesday, July 7, 2026
ދުނިޔެ

އިޒްރޭލުގެ ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވެއްޖެ

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހެޑްކުއާޓަރަށް އަމާޒުކޮށް ދިން ހަމަލާއިން، ހަމާސްގެ ލީޑަރުން ސަލާމަތްވެއްޖެ އެވެ.

އިޒްރޭލުން މި ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް މަޝްވަރާކުރަން ތިއްބަ އެވެ. އިޒްރޭލުން މި ހަމަލާ ދީފައިވަނީ އެމެރިކާގެ ރުހުމާއި އެކު އެވެ.

ހަމާސްގެ ޖަމާއަތުގެ އޮފިޝަލަކު "އަލްޖަޒީރާ"އާ ވާހަކަދައްކަމުން ވިދާޅުވީ މި ހަމަަލާ ދީފައިވަނީ ހަމާސްގެ ލީޑަރެއް ކަމަށްވާ ހަލީލް އަލް ހައްޔާ އާއި އެހެނިހެން ލީޑަރުންނަށް އަމާޒުކޮށް ކަމަށާއި ނަމަވެސް މި ހަމަލާއިން އެ ލީޑަރުން ސަލާމަތްވެފައިވާ ކަމަށެވެ.

މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހެޑްކުއާޓަރުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ސްޓާފަކާއި އަދި ހަމާސްގެ ލީޑަރު އަލް ހައްޔާގެ ދަރިކަލުން ވަނީ ޝަހީދުވެފަ އެވެ.

އިޒްރޭލުން ދިން މި ހަމަލާ ގަތަރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ މެދުއިރުމަތީގެ ގައުމުތަކުންނާއި އެހެނިހެން ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ.

އިޒްރޭލުން ގަތަރަށް ވައިގެ ހަމަލާއެއް ދީފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެންނަން ކުރާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމަކީ ވެސް ގަތަރެވެ.