Last Updated: July 8, 04:01
Tuesday, July 7, 2026
ދުނިޔެ

މުޅި މެދުއިރުމަތިން އިޒްރޭލަށް ރައްދެއް ދޭންޖެހޭ: ގަތަރު

އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާ އަށް ދިން ހަމަލާއާ ގުޅިގެން މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށް، ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުންތަކެއް މަޝްވަރާކުރަން ތިއްބަ އެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހަ މީހަކު ޝަހީދުވެފައިވެ އެވެ.

މި ހަމަލާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ވިދާޅުވީ އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށާއި ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކާއި ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި އެގޮތުން މި ހަމަލާއަށް ދޭނެ ރައްދަކާއި ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އަދި ސުލްހައަށް އޮތް ކޮންމެ ފުރުސަތެއް ވެސް ހަލާކުކޮށްލުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ މަސްލަހަތަށް މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް ކަމަށްވެސް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެއިތުރުން މި ހަމަލާ ދިނުމުގެ ކުރިން އެކަން އެމެރިކާއިން ގަތަރު ސަރުކާރަށް އެންގި ކަމަށް ބުނާ ވާހަކަތައް ވެސް ބޮޑުވަޒީރު ދޮގުކުރެއްވި އެވެ. އެގޮތުން ހަމަލާއާ ގުޅޭ މައުލޫމާތު އެމެރިކާއިން ގަތަރާއި ހިއްސާކުރީ ހަމަލާދިން ފަހުން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިޒްރޭލުން ގަތަރަށް ވައިގެ ހަމަލާއެއް ދީފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެންނަން ކުރާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އެއް ގައުމަކީ ވެސް ގަތަރެވެ.