ބޮލީވުޑްގެ ތަރި، ސަނީ ޑިއޯލް އަށް "ކޯލް ކިންގް" ކިޔާ ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ ސަނީގެ 2023 ގެ ބޮޑު ހިޓް "ގަދަރު 2" ގެނެސްދިން ޑައިރެކްޓަރު އަނިލް ޝަރުމާގެ ފިލްމެއް ކަމަށެވެ. ބޯޓްދެލީގެ ވަގު ވިޔަފާރި އަށް ބިނާކޮށް ހަދަަން ނިންމާފައިވާ ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު އޮތީ ނިންމާފައި ކަމަށާއި އޭގެ ޑައިލޮގްތަކުގެ ޑްރާފްޓްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އަނިލްއާ ގާތް ބަޔަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި "ކޯލް ކިންގް" ވާނީ މީގެ ކުރިން ސަނީ ފެނިފައިވާ ނުވާ ފަދަ ރޯލަކުން ފެންނާނެ އެއްޗަކަށެވެ. އެކަމަކު މީގެ މަސައްކަތް ފަށާނެ އިރެއް އަދި ސާފު ނުވިޔަސް، އަނިލްގެ މި އާ ޕްރޮޖެކްޓާ މެދު ސަނީ މި އަހަރު ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އެ ނޫހުން ބުންޏެވެ.
އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 2001 "ގަދަރު: އޭކް ޕްރޭމް ކަތާ" އާއި 2007 ގެ "އަޕްނޭ" ވެސް ހިމެނެ އެވެ.
ޕިންކްވިލާ އިން ބުނީ އަނިލް މިހާރު އަންނަނީ "ގަދަރު 3" ގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް ކުރަމުން ކަމަށެވެ. "ގަދަރު 2" ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ދަރިފުޅު އުތުކާޝް ޝަރުމާ އާއި ނާނާ ޕަޓޭކަރް މުހިއްމު ރޯލުތައް ކުޅުނު މިދިޔަ އަހަރުގެ "ވަންވާސް" އެވެ.
ސަނީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި އެކްޝަން ތުރިލާ "ޖާޓް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް "ލާހޯރް، 1947" އާއި "ބޯޑާ 2" ގެ އިތުރުން ކްރޫއާ ގުޅެން ތައްޔާރުވަމިން އަންނަ "ރާމާޔަން" ހިމެނެ އެވެ.
ޕްރިތީ ޒިންތާ ބަތަލާގެ ރޯލު ކުޅެފައިވާ "ލާހޯރް، 1947" އަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ވަތަނީ ފިލްމެކެވެ. ސަންތޯޝީ އަކީ ސަނީގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ގާޔަލް" އާއި "ދާމިނީ" އަދި "ގަތަކް" ވެސް ޑައިރެކްޓަރެވެ.
"ގާޔަލް" އާއި "ދާމިނީ" އިން 67 އަހަރުގެ އެކްޓަރަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.