މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިމްރާން ހާޝީމީގެ "އާވާރާޕަން 2" ގެ ބަތަލާ އަކީ ތާރާ ސުތާރިއާ ނޫން ކަމަށާއި ބަތަލާ އަކީ ޑިޝާ ޕަޓާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ފިލްމަށް ޑިޝާ ނެގީ މި އަސަރު ގަދަ ލޯބީގެ ފިލްމަކީ އޭނަ ކަހަލަ ބަތަލާއަކު ބޭނުންވާ ފިލްމަކަށްވާތީ ކަމަށާއި ކުޅެން ލިބުނު ރޯލާ މެދު އަރަމުން އަންނަ ޒުވާން ބަތަލާ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "އާވާރާޕަން 2" އަށް ޑިޝާ ނެގީ ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓްގެ ވެސް ލަފާގެ މަތިން ކަމަށާއި އެ ހޮވުމާ މެދު ޑައިރެކްޓަރު ނިތިން ކައްކަރު ވެސް ވަރަށް ރުހޭ ކަމަށެވެ.
ނަމަވެސް ފިލްމަށް ޑިޝާ ނެގިކަން ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ.
"އާވާރާޕަން 2" ގެ ބަތަލާ އަކީ ތާރާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑިޝާ އާއި ތާރާ އެކީގައި ވެސް މަސައްކަތްކޮށްފައިވާކަމެވެ. އެއީ ޑައިރެކްޓަރު މޯހިތު ސޫރީގެ 2022 ގެ "އޭކް ވިލަން ރިޓާންސް" ގަ އެވެ.
"އާވާރާޕަން 2" އަކީ ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވެސް ހޯދި "ސައްޔާރާ" ވެސް ހެދި މޯހިތު 2007 ގައި ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "އާވާރާޕަން" ގެ ސީކްއެލް އެވެ. އެ ފިލްމުގައި އިމްރާނާ އެކު ބަތަލާގެ ރޯލު ކުޅުނީ ޝްރިޔާ ސަރަން އެވެ.
މީޑިއާތަކުން ބުނީ "އާޕާރާޕަން 2" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފެށުމަށް ފަހު، އަންނަ ޖެނުއަރީގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލާނެ ކަމަށެވެ. މި އަހަރުގެ މާޗް މަހު އިއުލާންކުރި މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 3 ގަ އެވެ.