Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ހޭންޑްބޯލްގެ ފިރިހެން ޓީމަށް ޖާޒީ ހަވާލުކޮށްފި

'އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕް'ގައި ވާދަކުރާ 17 އަހަރުން ދަށުގެ ފިރިހެން ޓީމަށް ޖާޒީ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށް ދާނީ މި މަހުގެ 15-25 އަށް އުރުދުންގެ ވެރިރަށް އައްމާންގަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން 9 ގައުމަކުން ވާދަކުރެ އެވެ. އެއީ ކުވައިތު، ބަހްރެއިން، ހޮންކޮންގް، ޖޯޑަން، ޗައިނީސް ޓައިޕޭ، އިންޑިއާ، ދެކުނު ކޮރެއާ، އީރާން، އަދި ސީރިއާ އެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް، އޭޝިއާ ތަމްސީލު ކުރާނީ އަންނަ މަހުގެ 24 އިން ނޮވެމްބަރު 1 އަށް މޮރޮކޯގައި ބާއްވާ ފުރަތަމަ ވޯލްޑް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގަ އެވެ.