Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

އައިނު ފިހާރަ ދެން އައްޑު އާއި ކުޅުދުއްފުއްޓަށް

ދެން އެންމެ އަވަހަށް އައިނު ފިހާރަ ހުޅުވާނީ އައްޑު އާއި ކުޅުދުއްފުށީގައި ކަމަށް މާލެ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އޭނަ ވިދާޅުވީ އައްޑު އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވަން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ސަރުކާރުން އައިނު ހައްދައި ދިނުމުގެ ވިޔަފާރީގެ ތެރެއަށް ވަނީ ރައްޔިތުންނަށް އަގުހެޔޮކޮށް އައިނު ހެއްދޭނެ ފުރުސަތު ފަހިކޮށް ދިނިމުގެ ގޮތުންނެވެ. އެގޮތުން އާސަންދައިގެ ދަށުން 2000ރ އަަށް އައިނުގެ ހިދުމަތް ދޭން ފެށުމަކީ ވަރަށް ބޮޑު ލުއެއް ކަމަށްވާ ރައްޒާގް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ސަރުކާރުން 2،000ރ އަށް އައިނު ހައްދައި ދޭން ފެށުމުން ބައެއް އަމިއްލަ ތަންތަނުން ވެސް އެ އަގަށް ފައްތައިގެން މިހާރު އައިނު ހައްދައި ދެމުން އަންނަ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އައިޖީއެމްއެޗްގައި ހުޅުވީ ޖުލައި 27 ގަ އެވެ. އަދި ދެވަނަ ތަން ހުޅުމާލޭގެ ހޮސްޕިޓަލްގައި ހުޅުވީ މިދިޔަ މަހުގެ 27 ގަ އެވެ.