Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ.

މުޒްނާ ބޯޑަށް އައްޔަން ކުރެއްވި އިރު ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ސްޓެލްކޯ ބޯޑަށް އެ ބަދަލު ގެނައިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއުލާނުކުރި ނަމަވެސް، އެ ގޮތަށް ނިންމި ސަބަބެއް އެ ބޯޑުން ހާމައެއް ނުކުރެ އެވެ.

ސްޓެލްކޯގެ މެނޭޖްމަންޓަށް ސަރުކާރުން ވަނީ ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެެވެ. އެފަދަ އެއް ބަދަލަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަން ކުރުމެވެ.

އެ ބަދަލު ގެނައީ ކީއްވެކަމެއް ވެސް ޕީސީބީން ހާމައެއް ނުކުރެ އެވެ.