Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ހެޔޮ ވެރިކަމެއް ނުކުރާ ނަމަ އިތުރު ގައުމުތަކުން ވެސް މުޒާހަރާ ފެންނާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ހެޔޮ ވެރިކަމެއް ނުކުރާނަމަ އިތުރު ގައުމުތަކުންވެސް މުޒާހަރާތައް ފެންނަން ފަށާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނޭޕާލްގެ ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި އަދި އެގައުމުގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ވަނީ ފަށާފަ އެވެ. މުޒާހަރާތައް ހޫނުވެ، އެންމެފަހުން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެ ކަންކަމާ ގުޅުވައި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރަކަށް ފަހު ސަރުކާރެއް ވެއްޓެމުން ދަނީ ބޮޑު ދަރަންޏާއި ކޮރަޕްޝަން އަދި މިސްމެނޭޖްމަންޓްގެ ސަބަބުން ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން ދަރަނި ރީސްޓްރަކްޗާނުކޮށް، ހެޔޮވެރިކަމެއް ނުހޯދައިފި ނަމަ އިތުރު ގައުމުތަކުން ވެސް މިފަދަ މުޒާހަރާތައް ފެންނަން ފަށާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދުނިޔެ މި ކަމަށް ހޭލަންޖެހޭ ކަމަށާއި ނޫނީ އިތުރު ހަމަނުޖެހުމާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު، ނޭޕާލްގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. އެގޮތުން މުޒާހަރާ ތެރެއިން 19 މީހަކު މަރުވެފައިވާއިރު 400 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ނޭޕާލްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން އަންނަނީ ސަރުކާރުގެ ހިންގުމަށް އިސްލާހު ބަދަލުތައް ނުގެންނަނީސް މުޒާހަރާތައް ހުއްޓާ ނުލައި ކުރިއަށްގެންދާނެ ކަމަށް ބުނަމުންނެވެ.