ރީތިކަން ދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރާ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލަޢުނަތްލައްވާ ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްގައި އައިސްފައިވާތީ، ދަތުގައި ނަރުގަނޑު އެޅުވުމުގެ ޙުކުމާ ބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެ އެވެ. އެ ޙަދީޘް ތިރީގައި މިވަނީ އެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.
لَعَنَ اللهُ الْوَاشِمَـاتِ، وَالْـمُسْتَوْشِمَـاتِ، وَالْـمُتَنَمِّصَاتِ وَالْـمُتَفَلِّجَاتِ لِلْحُسْنِ، الْـمُغَيِّرَاتِ خَلْقَ اللهِ) [متفق عليه].
“ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.”
މި ޙަދީޘްގައި އަންހެނުންގެ ވާހަކަ އައިސްފައި ވިޔަސް މި ނަހީގެ ތެރެއަށް ފިރިހެނުން ވެސް ވަދެގެންދެ އެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ޙަދީޘްގައި އަންހެނުންގެ ވާހަކަ އައިސްފައި ވަނީ ޢާއްމުކޮށް އެކަން ކޮށް އުޅެނީ (ނުވަތަ އެ ޒަމާނުގައި ކޮށް އުޅުނީ) އަންހެނުން ކަމުގައިވާތީ އެވެ.
ދަތްޕިލާގައި ނަރުގަނޑު އެޅުވުމުގެ ޙުކުމް
ދަތުގައި ނަރުގަނޑު އަޅުވަނީ ދަތްޕިލާގައި ޢައިބެއް ހުރުމުގެ ސަބަބުން ކަމަށްވާ ނަމަ އެއީ ހުއްދަ ކަމެކެވެ. މިސާލަކަށް ދަތްތައް މާ ބޮޑަށް ބޭރަށް ނުކުމެފައި ހުރުން، ނުވަތަ ދަތްތައް ޢާއްމުކޮށް ހުންނަ ވަރަށް ވުރެ ބޮޑަށް ދޭތެރެ ދުރުވެފައި ހުރުން، މިފަދަ ޙާލަތެއްގައި ދަތުގައި ނަރުގަނޑު އެޅުވުން ޙަރާމްވެގެން ނުވެ އެވެ.
ދަތްޕިލާގައި ޢައިބެއް ނެތި ހަމަ ރަނގަޅަށް ހުއްޓާ މިހާރު ހުރި ގޮތް ކަމުނުގޮސްގެން އިތުރަށް ރީތި ކުރުމުގެ ގޮތުން ނަރުގަނޑު އެޅުވުން ހުއްދައެއް ނުވާނެ އެވެ.
ރީތިވުމަށްޓަކައި ކުރާ ސަރޖަރީތަކާއި، އަޅުވާ އެކި އެކި އެއްޗިއްސާއި ލައްވާ އެކި އެކި އެއްޗެހި ދެ ބަޔަކަށް ބެހެ އެވެ.
ހ- ޢައިބެއް ފިލުވުމުގެ ގޮތުން ކުރާ ކަންކަން؛ މިކަންކަން ހުއްދައެވެ. އެކަމުގެ ދަލީލަކީ
عَنْ عَبْدِ الرَّحْمَنِ بْنِ طَرَفَةَ أَنَّ جَدَّهُ عَرْفَجَةَ بْنَ أَسْعَدَ (قُطِعَ أَنْفُهُ يَوْمَ الْكُلَابِ فَاتَّخَذَ أَنْفًا مِنْ وَرِقٍ فَأَنْتَنَ عَلَيْهِ فَأَمَرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَاتَّخَذَ أَنْفًا مِنْ ذَهَبٍ) رواه أبو داود (4232) والترمذي (1770) والنسائي (5161) والحديث حسنه الألباني في صحيح أبي داود.
ޢަބްދުއްރަޙްމާން ބިން ޠަރަފާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އޭނާގެ ކާފަ ޢަރްފަޖާ ބިން އަސްޢަދުގެ ނޭފަތް ކުލާބުގެ ދުވަހުގައި (ޖާހިލިއްޔަ ޒަމާނުގައި ދެ ޤަބީލާއެއްގެ ދެމެދުގައި ކުރެވުނުހަނގުރާމައެއް ތެރޭގައި) ބުރިވެގެންދިޔައެވެ. ދެން އޭނާ ރިހީގެ ނޭފަތެއް ޖަހައިފި އެވެ. ފަހެ އެ ނޭފަތް ޖެހިތަން ކުނިވެއްޖެ އެވެ. ދެން، ރަނުން ނޭފަތެއް ޖެހުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާ އަށް އަމުރުކުރެއްވި އެވެ.”
މި ޙާދިޘާގައި ނޭފަތެއް ޖެހުމަކީ އެއީ ޢައިބެއް ފިލުވާލުމަށްޓަކައި ކުރެވުނު ކަމެކެވެ. ވީމާ، ޢައިބު ފިލުވާލުމަށް އެފަދަ ކަންކަން ކުރެވިދާނެ ކަމަށް މި ޙަދީޘުން ދަލާލަތުކުރެ އެވެ.
ށ- ޢައިބެއް ނެތް އިރު، މިހާރު ހުރި ވަރަށްވުރެ ރީތި ކުރަން ކުރާ ކަންކަން؛ މިކަންކަން ހުއްދައެއް ނޫނެވެ. އެކަންކަން ވަނީ ﷲ ގެ ޚަލްޤު ބަދަލު ކުރުމުގެ ތެރެއިންނެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.
لَعَنَ اللهُ الْوَاشِمَـاتِ، وَالْـمُسْتَوْشِمَـاتِ، وَالْـمُتَنَمِّصَاتِ وَالْـمُتَفَلِّجَاتِ لِلْحُسْنِ، الْـمُغَيِّرَاتِ خَلْقَ اللهِ) [ متفق عليه].
“ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަން ދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަން ފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވި އެވެ.”
އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ދަތްޕިލައިގައި ޢައިބެއްވާ ނަމަ އެ ފިލުވާލުން ހުއްދަ އެވެ. މުހިންމު ކަމަކީ ޒީނަތްތެރިވުމުގެ ގޮތުން ނުވަތަ ރީތިވުމުގެ ގޮތުން އެކަން ނުކުރުމެވެ. ޒީނަތްތެރިވުމުގެ ގޮތުން ކުރާ އޮޕަރޭޝަންތަކުގެ ޢާންމު ޤަވާޢިދަކީ، އެކަން ކުރަނީ އުނިކަމެއް ނުވަތަ ޢައިބެއް ފިލުވާލުމަށް ނަމަ، އެކަމުގައި އެއްވެސް މައްސަލައެއް ނެތުމެވެ. އަދި އެކަން ކުރަނީ ޒީނަތްތެރިވުމާއި ރީތިވުމަށް ނަމަ އެކަން މަނާވެގެންވުމެވެ. “مجموع فتاوى الشيخ ابن عثيمين رحمه الله”
ޚުލާޞާ: ދަތްޕިލާގައި ނަރުގަނޑު އަޅުވަނީ ޢައިބެއް ފިލުވަން ނަމަ ހުއްދަ އެވެ. އަދި އެއީ ޢައިބެއް ފިލުވުމަށް ނޫން ގޮތަކަށް ކުރާ ކަމެއް ނަމަ، އިތުރަށް ރީތި ކުރުމަށް ކުރާ ކަމެއް ނަމަ އެއީ ހުއްދަ ކަމެއް ނޫނެވެ.
މަސްދަރު: އިލްމު.އެމްވީ