Last Updated: July 8, 02:13
Tuesday, July 7, 2026
ދުނިޔެ

ލަންކާގެ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލައިފި

ސްރީ ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލުމުގެ ބިލު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ބިލު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ 150 މެމްބަރުންގެ ވޯޓާއެކު އެވެ. މި ބިލު ފާސްކުރުމުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ބިލު ތަސްދީގުކުރައްވާފަ އެވެ. އެއާއެކު މި ބިލު ގާނޫނަކަށް ބަދަލުވެ، މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

މި ބިލު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅު ލަންކާގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުންނެވެ.

މި ބިލާއެކު ކުރީގެ ރައީސުންނަށް ނުވަތަ ރައީސުންގެ ހުވަފަތް އަނބިންނަށް ވެސް ދިރިއުޅުމަށް ކޮންމެ މަހަކު ދޭ އެލަވަންސާއި މަހު ސެކްރެޓަރީ އެލަވަންސާއި، ރަސްމީ ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި އަދި އެފަދަ އެހެނިހެން ވަސީލަތްތައް ފަދަ ޚާއްސަ އިނާޔަތްތައް މިހާރު ވަނީ ކަނޑާލާފަ އެވެ.

މި ބިލަށް އަމަލުކުރަން ފެށުމާއެކު ދައުލަތުން ފޯރުކޮށްދީފައިވާ ގެތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ލަންކާގެ ކުރީގެ ރައީސުން އެ ގެތަކުން ނިކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އޭގެތެރޭގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި މައިތިރިޕާލާ ސިރިސޭނާ އަދި ޗަންދްރިކާ ބަންޑާރަނަޔަކެ ކުމަރަތުންގަ ހިމެނިވަޑައިގަންނަވަ އެވެ.

ލަންކާގެ ކުރީގެ ރައީސުން ކަމަށްވާ ރަނިލް ވިކްރަމްސިންހަ އާއި ގޮޓަބަޔާ ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅުތަކުގަ އެވެ.