އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާންގެ ބޮލީވުޑްގެ "އަބީރް ގްލާލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ. އާރްގީ ބަގްޅީ ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކްގެ ކާސްޓްގައި ޕަރްމީތު ސޭތީ، ރިދީ ޑޮގްރާ، ލީޒާ ހޭޑަން، ފަރީދާ ޖަލާލުގެ އިތުރުން މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ވެސް ހިމެނެ އެވެ.
"އަބީރް ގްލާލް" އަކީ ފަވާދުގެ ހަތަރު ވަނަ ބޮލީވުޑް ފިލްމެވެ. އޭނަ ކުރިން ކުޅުނު ހިންދީ ފިލްމުތަކަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އާއި އެ އަހަރުގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން 2014 ގެ "ހޫބްސޫރަތު" އެވެ.
މި މަހުގެ 12 ގައި "އަބީރް ގްލާލް" ސިނަމާތަކަށް ގެންނަން ނިންމީ މިދިޔަ މަހުގެ 29 އަށް ވެސް ފިލްމު ތާވަލު ކުރުމަށް ފަހު އެވެ.
އެންމެ ފުރަތަމަ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ގޮތަށް އޮތީ މި އަހަރުގެ މެއި 9 ގަ އެވެ. އެގޮތަށް ޕްލޭންކޮށްފައި ވަނިކޮށް އެޕްރީލް މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު ދިން ހަމަލާތަކެއްގައި އިންޑިއާގެ ބަޔަކު މަރައިލުމާ ގުޅިގެން، އިންޑިއާ އިން އެކަން ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އަބީރް ގްލާލް" އާ ދެކޮޅަށް ބޮއިކޮޓް ހަރަކާތްތަކެއް ފެށި އެވެ.
އެހެންވެ ފިލްމު ރިލީޒް ކުރުން "ވާނުވާ" އަށް ގޮސް، އެންމެ ފަހުން މި މަހު ފިލްމު ސިނަމާތަކަށް ދޫކޮށްލާ އިރު، އިންޑިއާގައި ފިލްމު އަޅުވާ ގޮތަށް ވެސް ހަމަޖެހިފައެއް ނުވެ އެވެ.