Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އުނިކުރަން ނިންމާފައިވާ އިނާޔަތްތަކުގެ ތަފްސީލެއް ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.

މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސުންނަށް އިނާުޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ،

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.

ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ހިދުމަތުގެ އިނާޔަތެއް ނުލިބޭނެ އެވެ.