ފްރާންސްގެ ސަރުކާރާ ދެކޮޅަށް މިއަދު ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.
ވެރިރަށް ޕެރިހާއި އެ ނޫން ވެސް ސިޓީތަކުގެ މަގުތަކަށް ގިނަ އަދަދެއްގެ މީހުން ނުކުމެ މުޒާހަރާ ކުރަމުން އަންނަ އިރު، މުޒާހަރާތަކުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެ އެވެ. މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ތަންތަނާއި ވެހިކަލްތަކުގައި އަލިފާން ވެސް ރޯކޮށްފައިވެ އެވެ.

މުޒާހަރާތަކުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު، ރައީސް އެމަނުއަލް މެކްރޯންގެ އަމުރަށް 80،000 އަށް ވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވެ އެވެ.
ސަރުކާރާ ދެކޮޅަށް ފްރާންސްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށި އިރު، ރައީސް މެކްރޯނަށް އޮތް ތާއީދު މި ފަހުން ވަރަށް ބޮޑަށް ކުޑަވެ، އޭނަގެ ސަރުކާރަށް އެތައް ފިއްތުންތަކެއް ކުރިމަތިފައިވެ އެވެ. އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަތަރު ބޮޑުވަޒީރަކު އައްޔަން ކުރަން ޖެހުމަކީ ފްރާންސްގެ ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު އޮތް ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ.

އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޮޑުވަޒީރަކަށް އައްޔަންކޮށްފައި ވަނީ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ސެބަސްޓިއެން ލެކޯނޫ އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ ބޮޑުވަޒީރު ފްރަންކޮއިސް ބޭރޯގެ މައްޗަށް ހޯމަ ދުވަހު އިތުބާރު ނެތްްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

ފްރާންސަށް ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ގައުމުގެ މާލީ އަދި އިގުތިސާދީ ހާލަތާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.