Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

މިދިޔަ މަހު މީރާއަށް 2.12 ބިލިއަން ރުފިޔާ ބަލައިގެންފި

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ އޮގަސްޓު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.12 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.9 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި އަދި، މި އަހަރު އޮގަސްޓުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓާއި އަޅާ ބަލާއިރު، މި އަހަރުގެ އޮގަސްޓު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ އާއި ގްރީންޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މިގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، މި އަހަރުގެ އޮގަސްޓުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 11.5 ޕަސެންޓް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކުން ކުރިއެރުން ލިބިފައި ވެއެވެ. މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް މިދިޔަ ޖުލައިގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނީ މި އަހަރުގެ އޮގަސްޓަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 240.6 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 191.2 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 162 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 63 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވެ އެވެ.

މީގެއިތުރުން މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 89 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.