Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

އިންޑިއާގެ އަސްކަރީ އެގްރިމެންޓުތަކުގެ މުއްދަތަކީ ސިއްރެއް: ޑިފެންސް

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މައްދަތު ހާމަ ކުރެވެން ނެތްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންޑިއާގެ އެގްރިމެންޓުތަކުގެ މައުލޫމާތު ހޯދުމަށް މިދުއަމް ސައުދު ހުށަހެޅި ފޯމަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓްރީން ބުނީ ކުރީ ސަރުކާރުގައި، 2018އިން 2023އާ ހަމައަށް ދިފާއީ ދާއިރާއިން އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް އެކުލަވާލައިފައިވާ ގޮތުން، އެއްބަސްވުންތައް ހާމަކުރުން މަނާވާ ގިތަށް އެ އެއްބަސްވުންތަކުގެ ތެރެއަށް 'ކޮންފިޑެންޝާލިޓީ ކޮލޯޒް'އެއް ހިމަނައިފައިވާ ކަމަށެވެ.

ދިފާއީ ދާއިރާގެ އެއްބަސްވުންތައް އައުކުރުމަށް ކުރެވޭ މުއާމަލާތްތަކަކީ ވެސް ދެ ގައުމުން ވެސް ސިއްރު މައުލޫމާތުގެ ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މައުލޫމާތު ކަމުގައިވާތީ، ދިފާއީ ދާއިރާގެ މިފަދަ އެއްބަސްވުންތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރެވޭނީ ދެ ގައުމުގެ ރުހުން ވެސް އެކަމުގައި އޮވެގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ހޯދަން ހުށަހަޅާފައިވާ މައުލޫމާތަކީ ގައުމީ ސަލާމަތާ ވެސް ގުޅުންހުރި މައުލޫމާތު ކަމުގައިވާތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ރިއާޔަތް ކުރާއިރު ވެސް، އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީގެ ޖަވާބާއި ގުޅިގެން މިދުއަމް މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމާއި ދެކޮޅަށް އަޑުއުފުލަމުން ވެރިކަމަށް އައި ބަޔަކު ސިއްރު ސިއްރުން އެ އެއްބަސްވުންތައް އެކްސްޓެންޑު ކުރާނީ ހާދަ ހަރާންކޯރުވީމަ ކަމަށެވެ.

"އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމާއި ދެކޮޅަށް އަޑުއުފުލަމުން ވެރިކަމަށް އައި ބަޔަކު ސިއްރު ސިއްރުން އެ އެއްބަސްވުންތައް އެކްސްޓެންޑު ކުރާނީ ހާދަ ހަރާންކޯރުވީމއެވެ. އެކަމަކު ކީއްކުރާނީއޯއެވެ. PNC ގިނަ މީހުންނަށް މިއަދު ބަހެއް ބުނާކަށް ނުކެރޭނެއެވެ. MDP ވެެރިކަމުގައި އެވެރިންނަށް ގައްދާރުންނަށް ގޮވި PNC ގިނަ މީހުން މިއަދު ތިބޭނީ ހަމަ އެހާލުގައެވެ.
ހުސްތިބީ މަގާމާއި މުސާރައަަށް ގައުމު ވިއްކާލަން ތައްޔާރަށް ތިބި މީހުންނެވެ."

މި ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވެސް ވައުދުވަމުންނެވެ.