Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

އެމްއެމްއޭގެ މެގަޒިންއަށް ލިޔުންތައް ހުށަހަޅަން އާންމުންނަށް

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުމަށް ހަމަޖެހިފައިވާ މެގަޒިން އަށް ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން ނެރެން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާއަށް ހާއްސަ މެގަޒިންއެކެވެ. މި މަޖައްލާގެ މަޤްޞަދަކީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތުގެ އަލީގައި މަޝްވަރާކުރުމަށް މަގުފަހިކުރުމެވެ.

އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތަޢުލީމީ ދާއިރާގެ މާހިރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާކާރުންނަށް އެމީހުން ދިރާސާތަކާއި ސިޔާސަތުތަކާއި މެދު ދެކޭ ގޮތްތަކާއި، އައު އީޖާދީ ޚިޔާލުތަކާއި، އަދި ކުރިއަރަމުންދާ ޓްރެންޑުތައް މި މަޖައްލާގެ ޒަރިއްޔާއިން ހިއްސާކުރެވޭނެ އެވެ.

މި މެގަޒިންގެ ފުރަތަމަ އެޑިޝަން ހާއްސަކުރުމަށް ހަމަޖެހިފައިވަނީ "ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޯ އައިލެންޑް އިކޮނޮމީސް" މައުޟޫގެ މައްޗަށެެވެ.

މި މެގަޒިން އަށް ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާއިރު، ލިޔުންތައް ރިވިއުކުރާނީ މެގަޒިންގެ އެޑިޓޯރިއަލް ބޯޑުންނެވެ. އެގޮތުން ހުށަހަޅާ ލިޔުންތަކުގެ ދިގުމިން ހުންނަން ވާނީ 500 އާއި 2،000 ލަފުޒާއި ދެމެދުގެ އަދަދެއްގައި ކަމަށްވާއިރު، ލިޔުންތައް ލިޔަން ވާނީ އިނގިރޭސި ބަހުންނެވެ.

މެގަޒިން އަށް ލިޔުންތައް ހޮވުމުގައި ލިޔުމުގެ ފެންވަރާއި އުފެއްދުންތެރިކަމާއި، ލިޔުމުގެ ދިގުމިން ފަދަ ކަންކަމަށް ބަލާނެ އެވެ. މެގަޒިނަށް ހޮވޭ ލިޔުންތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެމްއޭ އިން ވަނީ މި މެގަޒިން އަށް ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.