Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

މީޑިއާ ބިލު ފާސްކުރާ ހިސާބުން ސަރުކާރުގެ ނިމުން ފެށޭނެ

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލު ފާސްކުރާ ހިސާބުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނިމުން ފެށޭނެ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މި ބިލު ދިރާސާކުރުމުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މި ބިލާ ގުޅޭގޮތުން ރާއްޖެޓީވީގައި ރޭ ވާހަކަދައްކަމުން މީކާއިލް ވިދާޅުވީ މީޑިއާ ބިލު ފާސްކުރުމަކީ ރައީސް މުއިއްޒު އެންމެ މޮޔަކޮށް ކުރައްވާނެ ކަންތައް ކަމަށާއި އެގޮތުން އެ ބިލު ފާސްކުރާ ހިސާބަކީ ރައީސް މުއިއްޒުގެ ނިމުމުގެ ފެށުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން މި ބިލު ފާސްކުރުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރާނެ ކަމަށާއި ނޫސްވެރިންގެ ދިފާއުގައި ނިކުންނާނެ ކިތަންމެ ބަޔަކު ވެސް ތިބޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މުޒާހަރާކުރާނެ. ރައްޔިތުންގެ ބާރު ރައީސް މުއިއްޒަށް ފެނިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިކަން ކުރައްވައިފި ކަމަށްވާނަމަ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ބިލު އަނބުރާ ގެންދަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ގަބޫލުކުރެވިގެން ސަރުކާރުން އެކަމާ ވިސްނަން ފަށާފައިވާ ކަމުގެ އަޑުތައް ވެސް އިވެމުންދާ ކަމަށެވެ. މި ބިލު އަނބުރާ ގެންދިޔުމާ ހަމައަށް ޕްރެޝަރު ކުރަންޖެހޭ ކަމަށާއި މި ބިލު ފާސްކުރާ ހިސާބުން މި ވެރިކަން ނިމޭނެކަން ރައީސް މުއިއްޒަށް ވެސް ވިސްނިވަޑައިގަންނަވަންޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.