ޗައިނާގެ މަޝްހޫރު އޮންލައިން ފިހާރަ ވިޔަފާރި އަލިބާބާއާ ގުޅިގެން ހާއްސަ ވޯކްޝޮޕެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާސް އަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އެއް ދުވަހުގެ މުއްދަަށް އޮންލައިންކޮށް ބާއްވާ ވޯކްޝޮޕް އޮންނާނީ މި މަހުުގެ 15 ގައި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ މި ވޯކްޝޮޕް ވާނީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެން ދާނެ ރަނގަޅު ފުރުސަތަކަށް ކަމަށެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ދޭނީ އަލީބާބާގެ ތަޖުރިބާކާރުންނެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެ ފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.