ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ދާއިރާ އަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާތީ އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީ ގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެން ދާނެ ކަމަށެވެ.
އެހެންވެ އެކަމަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެގޮތުން، އެގޮތުން ކަނޑައެޅޭ އިންސައްތަ އަކީ މިހާތަނަށް ޖުޑިޝަރީ އަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށް ވުރެ ބޮޑު ޢަދަދެއް ލިބިގެންދާ ނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ. "މިކަމަށްޓަކާ ޤާނޫނީ ގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި."