'އަދަދު' ގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާއަށް މަރުގެ އިންޒާރުދިން މައްސަލައެއް ތަހުގީގު ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާ އިން ބުނީ ބުނީ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުން ފިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ އަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
ފިޔާޒް އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ދީފައި އޮތް އިންޒާރުގައި ބުނެފައި އޮތީ "މަށަށް ވެގެންވަންޏާ ކަލޭ މަރާ ވެސް ލާނަން" ކަމަށެވެ.
Masha vegen vanya kaley maraaves laanan
— Hassan kurisee (@HKurisee5631) September 10, 2025
އެމްޖޭއޭ އިން ބުނީ ފިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އޭނަ އަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމަށް ގޮވައޮލާ ކަމަށެވެ.
މީގެ ކުރިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔާޒަށް ފޯނުން ގުޅުއްވައި "އިންޒާރުތަކެއް ދެއްވި" މައްސަލައެއް ވެސް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސަށާއި ސަރުކާރަށް އަމާޒުވި އެވެ.
މީޑިއާތައް "ކޮންޓްރޯލް ކުރުމާ" ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައ އޭގެ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅަކީ އެ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިތިޖާތަކެއް ވެސް ކުރަމުން އަންނަ ދަނޑިވަޅެކެވެ. މިކަމާ ގުޅިގެން ނޫސްވެރިންނަށް ތަފާތު އިންްޒާރުތައް ވެސް ދަނީ ލިބެމުންނެވެ.
މިކަމާ ވސް އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށް ބުނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ވެސް ފުލުހުން އަޅަން ޖެހޭ ކަމަށެވެ.