ވަރަށް ތަފާތު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެއީ މީގެ ކުރިން ތަޖުރިބާ ވެސް ނުކުރާ ކަހަލަ ޖޯންރާއެއްގެ ފިލްމެއް ކަމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސިދާތު އާނަންދު ބުނެފި އެވެ.
ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ މަސައްކަތުގައި މި ވަގުތު ބިޒީކޮށް އުޅޭ ޑައިރެކްޓަރުގެ ފުރަތަމަ ޑައިރެކްޝަން 2005 ގެ "ސަލާމް ނަމަސްތޭ" ރިލީޒްކުރިތާ މި މަހުގެ 9 އަށް 20 އަހަރު ފުރުމާ ގުޅިގެން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ ތަފާތު ފިލްމުގެ ސްކްރީންޕްލޭ އަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"އެކަމަކު އަދި ނެތް އެއާ ބެހޭ އެއްވެސް އިތުރު ވާހަކައެއް ދެއްކޭކަށް،" އޭނަ ބުންޏެވެ. "މިއީ ވަރަށް ތަފާތު، ވަރަށް ތަފާތު ޖޯންރާއެއްގެ ފިލްމަކަށް ވެސް ވާނެ."
މާފްލިކްސް ޕިކްޗާސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންއާ އެކު ގެނެސްދިން އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އެވެ.
ސިދާތު، 47، ޑައިރެކްޓްކުރި ފިލްމުތަކަކީ 2007 ގެ "ތަރަ ރަމް ޕަމް" އާއި 2008 ގެ "ބަޗްނާ އޭ ހަސީނޯ" އާއި 2010 ގެ "އަންޖާނާ އަންޖާނީ" އާއި 2014 ގެ "ބޭންގް ބޭންގް" އާއި 2019 ގެ "ވޯ" އަދި 2023 ގެ "ޕަތާން" އެވެ.
އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އޭނަގެ "ކިންގް" އަކީ ވަރަށް ބޮޑު ކާސްޓެއް ވެސް އެކުލެވޭ އެކްޝަން ތުރިލާއެކެވެ. ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާ ގުޅިގެން ހަދަމުން އަންނަ ފިލްމުގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާނާއި އަބީޝެކް ބައްޗަނާއި ދީޕިކާ އާއި އަނިލް ކަޕޫރާއި ރާނީ މުކަރްޖީ އާއި އަރުޝަދު ވަރްސީ އާއި ޖެކީ ޝްރޮފާއި ރާގަވް ޖުޔާލް އާއި ސޯރަބް ޝުކްލާ އަދި އަބޭ ވަރުމާ ހިމެނެ އެވެ.
"ކިންގް" ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ހިސާބުގަ އެެވެ.