Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދޮންފަނުގެ ބިން ނުހިއްކާތީ މުޒާހަރާ އަށް ކަނޑުމައްޗަށް

ބިން ނުހިއްކަން ނިންމުމާ ގުޅިގެން ބ. ދޮންފަނުގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން ކަނޑުމަތީގައި ވެސް މުޒާހަރާ ކުރަން ނިންމައި ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވުކުރުން ވަގުތީ ގޮތުން ކައުންސިލުން މަނާކޮށްފި އެވެ.

މިކަން ހާމަކޮށް އެ ރަށު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދޮންފަނުގައި ކުރިއަށް ގެންދަން އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ބިން ހިއްކުމުގެ ބައި އުނިކޮށް ބިން ނުހިއްކާ ގޮތަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން އެކަމަށް އިޙްތިޖާޖު ކުރުމުގެ ގޮތުން މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށް ގެންދާ މުޒާހާރާތަކުގެ ތެރެއިން ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި ކަނޑައެޅި ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީ އާއި ނުރައްކަލެއް ކުރިމަތިވެދާނެފަ ދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތްކަމެ އްކަމަށް ކައުންސިލަށް ފެންނާތީ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅާ އަންގަންދެން މިއަދުން ފެށިގެން ރަށުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި އެއްވެސް ފަރާތަކުން ފީނުމާއި އަދި ޑައިވުކުރުމަކީ މަނާ ކަމެއް ކަމަށް ދޮންފަނު ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުން ދާނެ ކަމަށެވެ.

ދޮންފަނުގެ ބިން ހިއްކަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13 ގަ އެވެ.

ނަމަވެސް ބިން ހިއްކައިފި ނަމަ އެ ރަށާ ކައިރީގައި އޮންނަ މީ ހަނިފަރުބޭ އަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އެ މަޝްރޫއު ކުރިއަށް ނުގެންގަން ގިނަ ބަޔަކު ގޮވާލަމުން ދިއުމާ ގުޅިގެން ނިންމުން ބާތިލުކުރިކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެެވެ.

އެ ދުވަހު ރައީސް ވިދާޅުވީ ބިން ހިއްކަން ރައްޔިތުން މީހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ ބިން ހިއްކަން ސަރުކާރުން ކުރިޔަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. ރައީސްގެ އެ ނިންމުމާ ގުޅިގެން، ބިން ހިއްކައި ދޭން ޖެހޭނެ ކަމަށް ބުނެ ދޮންފަނުގައި މުޒާހަރާތަކެއް ފަށާފައިވެ އެވެ.

އެހެންވެ ރައީސްގެ ނިންމެވުން ބަދަލުކޮށް ދިނުމަށް އަންނަނީ ގޮވައިލަމުންނެވެ.

ދޮންފަނުގެ ބިން ނުހިއްކި ނަމަވެސް އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވެ އެވެ.