ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލު ވެސް މި ސަރުކާރާ ޑީލް ހަދަން ހުށަހެޅި ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
އެކްސްގައި އޭނަ މިއަދު ވިދާޅުވީ އެ ބޭފުޅުން ޑީލް ހަދަން ހުށަހެޅި ނަމަވެސް އެއީ "ރައްޔިތެއްގެ ތާޢީދެއް ނެތް" ބަޔަކަށްވާތީ ޕާޓީގެ ލީޑަޝިޕުން އެކަމަށް އޯކޭއެއް ނޫން ކަމަށެވެ.
ފަލާހު ވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު އެތައް މިލިއަން ރުފިޔާއެއް ވަގަށް ނަގާފައިވާ އިރު، އެ ފައިސާއިން ޖަމީލާއި މަލީހަށް މަހަކު 75،000ރ. ގެ މުސާރައެއް ވެސް ދެމުން އަންނަ ކަމަށެވެ.
ޖަމީލުވެސް، މަލީހުވެސް، ޑީލް ހުށައެޅި.
ނަމަވެސް ލީޑަރޝިޕް އޯކޭއެއްނޫން!
ރައްޔިތެއްގެ ތާޢީދެއްނެތް ބައެއް
ކީއްކުރަން?ޔާމީނު ކޮށްމެމަހަކު ޖަމީލާ، މަލީހަށް، މީހަކަށް 75000 ރުފިޔާ މުސާރަދެނީ ރައްޔިތުންގެ ބައިތުލްމާލުން!
ޔާމީނު ވަގަށްނަގާފައިވާ އެތައްސަތޭކަ…— Ibrahim Falah (@IbrahimFalahR) September 11, 2025
"ސިޓިންރޫމްގައި ތި ޖަހާ ސަކަރާތް ބަޔަކަށް ނޭނގުނަސް އަޅުގަނޑުމެންނަށް އެނގޭ. ވަގަށް ނަގާފައިވާ ފައިސާތަކުގެ ވާހަކަ އޮއްބާލައި މަޢުސޫމް ކުށެއް ނެތް ބައެއްގެ ބޮލަށް ހުރިހާ ކަމެއް ޖަހަން ހިތުން ތި އުޅެނީ،" ފަލާހު ވިދާޅުވި އެވެ. "ނަމަވެސް ތަފާތު ގޮތަކަށް ގޭމު ކުޅެގެން ކޮށްފައި ހުރި ނުބައި ކަންތައްތައް އޮއްބާލަން ތިކުރާ ޕްލޭންތައް ފެއިލްވާނެކަން ކަށަވަރު."
ޖަމީލާއި މަލީހަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އަދި އެއީ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ސެނެޓް މެންބަރުން ވެސް މެ އެވެ.