Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބްލޮކް ގްރާންޓް ލިބުމަކީ ބޮޑު ކާމިޔާބީއެެއް: ޑީޖޭއޭ

އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ޖުޑިޝަރީ އަށް ބްލޮކް ގްރާންޑް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު ނިންމެވިކަން މިއަދު އިއުލާން ކުރެއްވުމާ ގުޅިގެން އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ފާހަގަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓޭޝަން (ޑީޖޭއޭ) އިން ނިންމުމަށް މަރުހަބާ ކިޔައި، ރައީސަށް ޝުކުރު އަދާކޮށްފި އެވެ.

އެތަނުން ސޯޝަލް މީޑިއާ ޕޯސްތެއްގައި ބުނީ މި ނިންމުމަކީ ޝަރުއީ ދާއިރާގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މީގެ ސަބަބުން އަވަސްކަމާއި ހަލުވިކަމާ އެކު އަދުލު އިންސާފު ފޯރުކޮށް ދިނުމަށްޓަކައި ޝަރުއީ ކޯޓްތަކަށް އިދާރީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުއެއް ލިބިގެން ދާނެ ކަމެއް." ޑީޖޭއޭ އިން ބުންޏެވެ.

ރައީސް މިއަދު ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ދާއިރާ އަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާތީ އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީ ގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެން ދާނެ ކަމަށެވެ.

އެހެންވެ އެކަމަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެގޮތުން، އެގޮތުން ކަނޑައެޅޭ އިންސައްތަ އަކީ މިހާތަނަށް ޖުޑިޝަރީ އަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށް ވުރެ ބޮޑު ޢަދަދެއް ލިބިގެންދާ ނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ. "މިކަމަށްޓަކާ ޤާނޫނީ ގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި."