Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދެކުނުގެ ފުލުހުންނަށް ފަސްޓްލައިން މެނޭޖްމަންޓް ކޯހެއް

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ފުލުހުންނަށް ހާއްސަކޮށްގެން ފަސްޓްލައިން މެނޭޖްމަންޓް ކޯހެއް ފަށައިފި އެވެ.

ގއ އާއި ގދ އާއި ފުވައްމުލައް އަދި އައްޑޫގެ ފުލުހުން ހިމެނޭހެން 20 ފުލުހުން ބައިވެރިވާ ކޯހުގައި ހިމެނެނީ ފިރިހެން 18 ދެ ފުލުހުންނާއި އަންހެން ދެ ފުލުހެކެވެ.

މި މަހުގެ 8 ގައި ފެށި މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސައުތު ޕޮލިސް ގުޅިގެން އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދާ ކޯހެކެވެ.

ކޯސް ކުރިއަށް ދާނީ ހަތަރު ހަފުތާގެ މުއްދަތަށެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ޕޮލިސިންގައި ދިމާވާ ހުރަސްތަކުން އަރައިގަތުމަށާއި، ފުލުހުންގެ މަސައްކަތްތައް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށާއި އެކި ރޭންކުތަކުގެ މުވައްޒަފުންނަށް ދޭން ޖެހޭ ތައުލީމާއި ތަމްރީނުދީ ގާބިލުކަން އިތުރު ކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މި ކޯހަކީ ހުރިހާ ރީޖަންތަކެއްގައި ވެސް ޑިސެންޓްރަލައިޒްކޮށް ހިންގުމަށް ފަރުމާކޮށްފައިވާ ކޯހެެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

ކޯހުގައި ޕާސަނަލް ލީޑަޝިޕް އެންޑް އެތިކަލް ސްޓޭންޑާޑްސް، ސްޕަވައިޒަރީ ސްކިލްސް އެންޑް ޕީޕަލް މެނޭޖްމަންޓް، އޮޕަރޭޝަނަލް ލީޑަޝިޕް، ލީގަލް އެވެއާނެސް ފޯ ފްރޮންޓްލައިން އޮފިސާސް، ކޮމިޔުނިޓީ ޕޮލިސިން އެންޑް ޕަބްލިކް އެންގޭޖްމަންޓް، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތައް ކިޔަވައި ދޭނެ އެވެ.

އަދި ސިނާރިއޯ ޓްރެއިނިން އާއި، މޮޑިޔުލްތަކުގެ އެސެސްމަންޓް ބައިވެރިންނަށް ދޭނެ އެވެ.