Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

ރާއްޖޭގައި ފަތްކެޔޮ އާލާކުރުމަށް ޚާއްޞަ ޕްރޮގްރާމެއް

ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުން ކަމަށެވެ. މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކޮމިޓީތަކުން ޕްލޭނެއް އެކުލަވާލައި ހުށަހަޅަން ޖެހޭނެއެވެ.

އެގޮތުން މަސައްކަތުގެ ތާވަލާއި 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަޙައްދުގެ ތަފްސީލާއި (ސަރަޙައްދުގެ ބޮޑުމިން، ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު) ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޕްލޭން ހުށަހަޅަންވާނެއެވެ.

މަޝްރޫއުގެ ދަށުން ވުޒާރާއިން މުޑުވަށް ފޯރުކޮށްދޭނެ ކަމަށާއި ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދިނުމުގެ އިތުރުން ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބުނެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ (ޑަބްލިއުޑީސީ) ގުޅިގެންނެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ހަމަޖެހިފައިވާ ކަމަށާއި ވުޒާރާއިން ފަތްކޭލުގެ މުޑުވައް، ގަސްކާނާ އަދި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވޭކަމަށް އެ ވުޒާރާއިން ހާމަކުރެ އެވެ.

ފަތްކެޔޮ ހައްދަން ޝައުގުވެރިވާ ދަނޑުވެރިންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތައާރަފްކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ރޭވިފައެވެ.

މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޑަބްލިއުޑީސީ ތަކުން 25 ސެޕްޓެންބަރު ގެ 14:00 ގެ ކުރިން ޕްލޭން ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.