އަންނަ މަހު 15 އިން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތަރުކާރީ، މޭވާ އަދި އެހެނިހެން އަސާސީ ބާވަތްތައް ހިމެނޭ ގޮތަށް 23 ބާވަތެއްގެ މުދާ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުން ވަނީ އެސްޓީއޯއާ ހަވާލުކުރުމަށް ނިންމައިފަ އެވެ.
އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އަމާޒަކީ އަންނަ މަހު 15 ފެށިގެން އެ ބާވަތްތައް ރާއްޖޭން އަގުހެޔޮކޮށް ލިބެން ހުންނާނެ ކަން ކަށަވަރުކުރުން ކަމަށެވެ.
"އޮކްޓޫބަރު 15އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން ލިބެން ހުންނާނެކަން ޔަގީންކުރަން ޖެހޭ ތާރީހު. އެއީ މީގެ އަމާޒަކީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެސްޓީއޯއިން ގެންނަން ސަރުކާރުން ހަވާލުކުރި 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންވެސް ރާއްޖޭގެ ބާޒާރުގައި ބޮޑުވާ ނަމަ، އެސްޓީއޯއިން އެ ބާވަތެއް ރާއްޖެއަށް ގެނެސް، ޢާންމުންނަށް ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.
މިއީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެކަން ޔަގީންކުރުމުގެ މަގުސަދުގައި ކުރާ މަސައްކަތެއް ކަމަށާއި އަހަރަކު އެއް ފަހަރަކު އެތެރެކުރާ ބާވަތްތަކުގެ ލިސްޓު މުރާޖާ ކުރާނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ކެބިނެޓުން އެ ނިންމުން ނިންމާފައިވާ އިރު، މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށައި ފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އޮރެންޖުގެ ކިލޯއެއް މިހާރު ވިއްކަނީ 35 ރުފިޔާއަށެވެ.