ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ މީހުން، އަންނަ ހޯމަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގޮތުން ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ރާއްޖެ ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50,000ރ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ ނޫން ހާލަތްތަކާއި ކަންކަމުގައި 100،000ރ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ބިދޭސީންނާމެދު އިހުމާލުވެގެން ޖޫރިމަނާކުރާ ފަރާތްތަކަށް، އެ ފައިސާ ދައްކާ ނުނިންމަނީސް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ވެސް ނުދޭނެ ކަމަށެވެ.