Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކަށް ދޭ މާލީ އެހީ ބޮޑުކުރާނަން

ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީ ބޮޑުކުރާނެ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު މިހެން ވިދާޅުވީ އއ. ބޮޑުފުޅަދޫ ކައުންސިލުން އެމަނިކުފާނަށް ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ އެރުވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ގިނައިން ބައްދަލުކުރީ ކައުންސިލަރުންނާއި ކަމަށާއި އޭގެ ބޭނުމަކީ ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯ ދެނެގަތުން ކަމަށެވެ. ކުރީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެ ކަންކަމުގެ އަލީގައި ކަމަށާއި ނަމަވެސް މި ސަރުކާރުން "މުޅި އެތި އަނެއް ފުށަށް ޖަހަމުންދާ" ކަމަށް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކުރަމުންދާ ކަމަށާއި އެއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫންކަން ފާހަގަކުރައްވަމުން ސޯލިހު ވަނީ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.

"އިރާދަކުރެވިއްޔާ 2028 ވަނަ އަހަރު އުފެދޭ އެމްޑީޕީގެ ސަރުކާރުގައި އަނެއްކާވެސް އެ ބާރުތައް ކައުންސިލްތަކަށް އަޅުގަނޑުމެން ދޫކޮށްލާނަން. އަދި ބަޖެޓުން އެދޭ މާލީ އެހީ، އެއަށް ވުރެ އިރާދަކުރެވިއްޔާ ބޮޑުވެސް ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދޫކޮށްލި މާލީ ބާރުތަކާއެކީ އެކި ރަށްތަކަށް ތަރައްގީގެ ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށާއި ބޮޑުފުޅަދޫ ކައުންސިލަކީ އޭގެ ލާމަސީލު މިސާލެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރަން ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ތަސްދީގުކުރައްވާފަ އެވެ. މި އިސްލާހުތައް ފާސްކޮށްފައިވަނީ، އެ އިސްލާހުތަކާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެމުންދަނިކޮށެވެ.