Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

ފެންބޮޑުވެ ބާލީ އިން 14 މަރު

މި ހަފުތާގެ ތެރޭގައި އިންޑޮނީޝިއާގެ ބާލީ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި އެވެ.

މޫސުމީ ވިއްސާރައިގައި އެންމެ ބޮޑަށް ވާރޭ ވެހިފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތަނުގެ ކޯރުތައް ވެސް ފުރި ބަންޑުންވެ، ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ. އެގޮތުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ބައެއް ގެތައް ވެސް ގަނބައިގެންފައިވެ އެވެ.

ވިއްސާރައިގެ ސަބަބުން ބާލީގެ ދެ ބްރިޖެއް ވެސް ހަލާކުވެފައިވެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 14 މީހަކު މަރުވެފައިވާ އިރު، ދެ މީހަކު ގެއްލިފައިވެ އެވެ. އަދި ހާލަތު އެންމެ ގޯސްވި ހިސާބުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

ބާލީ އަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ސަރަހައްދީ ސަރުކާރުން ވަނީ ހަފުތާއެއްގެ މުއްދަތަށް ކުއްލި ހާލަތު ވެސް އިއުލާންކޮށްފަ އެވެ.

އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ގެއްލުން ބޮޑު މި ވިއްސާރައިގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ބާލީގައި މި ފަހަރު ފެންބޮޑުވި ހާދިސާ އަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ އެންމެ ގެއްލުން ބޮޑު ހާދިސާ އެވެ.

ބާލީ އަކީ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި މުޅީ ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ތަނެކެވެ.