ކ. ތިލަފުށީގައި ލޮރީއަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތްކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެމީހާގެ ގައިމަތިން ލޮރީ ގޮސްފައިވާ މައްސަލައެއް މިއަދު މެންދުރު 14:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ލޮރީ ދުއްވަން އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އާނަންދުރައީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ލޮރީވެސް ވަނީ ޓޯކޮށްފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.