އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ޖުޑިޝަރީ އަށް ބްލޮކް ގްރާންޓް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއެކު އަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ހަލުވިވާނެކަމަށް، ސުޕްރީމް ކޯޓުން ބުނެފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުޕްރީމް ކޯޓުން ބުނީ މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ނިންމި ތާރީޚީ މުހިންމު ނިންމުމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވާނެ ކަމަށެވެ.
އަދި މި ނިންމެވުމާއެކު އަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ރައީސް މިއަދު ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ދާއިރާ އަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޖުޑިޝަރީ މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާތީ އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީ ގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ އެކަމަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެގޮތުން، އެގޮތުން ކަނޑައެޅޭ އިންސައްތަ އަކީ މިހާތަނަށް ޖުޑިޝަރީ އަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށް ވުރެ ބޮޑު ޢަދަދެއް ލިބިގެންދާ ނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ. "މިކަމަށްޓަކާ ޤާނޫނީ ގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި."