Last Updated: July 7, 23:24
Tuesday, July 7, 2026
ޚަބަރު

ޒިންމާދާރު ނޫސްވެރިކަމެއް ރާއްޖޭގައި ނުކުރޭ: އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

ޒިންމާދާރު ނޫސްވެރިކަމެއް ރާއްޖޭގައި ކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އުޝާމް ވިދާޅުވީ މި ބިލަށް އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު ޒިންމާދާރު ނޫސްވެރިކަމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި މި އިސްލާހުތަކާއެކު ބިލު ފާސްވެއްޖެނަމަ ކުރިއަށް ވުރެ ވެސް ބޮޑަށް ނޫސްވެރިކަން ކުރިއަރައިގެންދާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ކުރާ ނޫސްވެރިކަމަކީ ހަގީގަތުގައި ވެސް ޒިންމާދާރުކަމާއެކު ކުރެވޭ ނޫސްވެރިކަމެއްތޯ ގިނަ ރައްޔިތުން ވެސް ސުވާލު އުފައްދާ ކަމަށާއި އެކަން ސޯޝަލް މީޑިއާގައި އާންމުން ކޮށްފައި ހުންނަ ޕޯސްޓުތަކުން ވެސް އެނގޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ގިނަ ބަޔަކު ގަބޫލެއް ނުކުރޭ ރާއްޖޭގައި ޒިންމާދާރުކަމާއެކީ ނޫސްވެރިކަން ކުރާ ކަމަކަށެއް. ހިތުހުރި ވާހަކައެއް ލިޔެގެން، ދޮގު ހަބަރުތައް ލިޔެގެން ނޫސްތައް ޕްރޮމޯޓްކޮށްގެން އުޅުމަކީ، އެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

މި ބިލު ފާސްވުމުން ޒިންމާދާރުކަން ކުޑަ ނޫސްވެރިކަމަށް ކުރިއަށް އޮތް ތަނުގައި ޖާގަ ނުލިބިދާނެ ކަމަށާއި ނަމަވެސް ތެދު ހަބަރު ފަތުރައިގެން ޒިންމާދާރުކަމާއެކީ ނޫސްވެރިކަން ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

މި ބިލު ބޭރުކުރަން ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އަދި ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލަމުންދާއިރު، މި ބިލު ދިރާސާކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.