Last Updated: July 7, 23:24
Tuesday, July 7, 2026
ޚަބަރު

މީޑިއާ ބިލު ރަނގަޅުވާނެ، މިހުރީ ނޫސްވެރިންގެ ހައްގުގައި

މިނިސްޓާ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު އަސްވާޑު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު އޮންނާނީ ރަނގަޅަށް ކަމަށް މިނިސްޓާ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އަސްވާޑު ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމަކީ ރާއްޖޭގެ ނޫސްވެރިން އެއްބަސްވާ ކަމެއް ކަމަށާއި ނަމަވެސް ނޫސްވެރިން ކަންބޮޑުވަނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު މިހެން ހަދާ ގާނޫނެއްގެ ނާޖާއިޒު ފައިދާ ބޭނުންކޮށްފާނެތީ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އުޅެނީ ސިސްޓަމަށް އިތުބާރު ނުކުރެވިގެން ކަމަށާއި މީގެކުރިން ކަންކަން ހިނގާފައިވާ ގޮތުން އެކަން އެގޮތަށް ވެދާނެކަން އެނގޭ ކަމަށް އަސްވާޑު ވިދާޅުވި އެވެ.

އަސްވާޑު ވިދާޅުވީ މީޑިއާ ކޮމިޝަނެއްގެ މަސައްކަތް ކުރާތާ 15 އަހަރުވެފައިވާ ކަމަށާއި މިކަމުގައި މީގެކުރިން ވެސް އެއްބަސްނުވެވުނު މައިގަނޑު އެއް ކަމަކީ ކޮމިޝަނުގެ ކޮމްޕޮޒިޝަނާއި ގުޅޭގޮތުން ކަމަށްވާއިރު، މިކަން ނުކުރެވި ގިނަ އަހަރުތަކެއް ވެގެންދިޔައީ އޭރުގެ ސަރުކާރުތަކުންނާއި ނޫސްވެރިންގެ ދެމެދުގައި އޮތް އަރާރުމެއްގެ ސަބަބުން ކަމަށެވެ.

މީޑިއާ ބިލު ބޭރުކުރަން ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އަދި ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލަމުންދާއިރު އަސްވާޑު ވަނީ ބިލު ބޭރުކުރަން ތާއީދުނުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ބިލު ފާސްވެގެންދާއިރު އޮންނާނީ ރަނގަޅަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުންނާނަމޭ ތިބޭފުޅުންގެ (ނޫސްވެރިން) ހައްގުގައި، މިހާރުވެސް މިހުރީއޭ. އެތެރޭގައި ވެސް އަޅުގަނޑު މަސައްކަތް ކުރާނީ ތިބޭފުޅުންގެ ހައްގުގައޭ. ބޭރުގައި ވެސް ވަކާލާތު ކުރާނީ ތިބޭފުޅުންގެ ހައްގުގައޭ،" އަސްވާޑު ވިދާޅުވި އެވެ.