Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ބަރަކާތް ޙާސިލު ކުރަން ކުރެވިދާނެ 7 ކަމެއް!

ބަރަކާތަކީ އިތުރުވުމެވެ. އަދި ފާޅުވުމެވެ. މަދު އެއްޗެއްގައި ބަރަކާތްލެއްވުމުން އެ ގިނަވެ އެވެ. އަދި ތަނެއްގައި ބަރަކާތް ލެއްވުމުން އެތަނުގެ އަޘަރު ފާޅުވެ، އެތަނުގެ ހެޔޮކަން މަތިވެރިވެއެވެ. އަދި މުދަލާއި، ދަރިންނާއި، ވަޤުތާއި، ޢިލްމާއި ޢަމަލުތަކާ އަދި ގުނަވަންތަކުގައި ބަރަކާތް ލެއްވުމުން އެތަކެތީގެ ނަފާ އިތުރުވެ އެވެ.

ތިރީގައި މިވަނީ ބަރަކާތް ޙާޞިލްކުރުމަށް ކުރެވިދާނެ ކަންތައްތަކެކެވެ.

* ބަޤަރާ ސޫރަތް ކިޔެވުން

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«اقْرَءُوا الْبَقَرَةَ؛ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلَا يَسْتَطِيعُهَا الْبَطَلَةُ» [رواه أحمد]

މާނައީ: “ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭހުއްޓެވެ.”

* އިސްތިޣުފާރު ކުރުމުގައި ދެމިހުރުން

މާތް ﷲ ވަޙީކުރެއްވި އެވެ.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا. يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا. وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا.) [نوح: 10- 12]

މާނައީ: “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައިވެއެވެ. (އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް މުދާލާއި ދަރިން އިތުރުކޮށްދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.”

* ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށް ރައްކާތެރިވުން

ހެނދުނުގެ ވަޤުތުގައިވާ ބަރަކާތް އެކަމުން ޙާޞިލުވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ؛
«اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا» [رواه أبو داود]

މާނައީ: “އޭ ﷲ! ތިމަންކަލޭގެފާނުގެ އުންމަތަށް ހެނދުނުގެ ވަޤުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”

* ވިޔަފާރީގައި ތެދުވެރިވުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«البَيِّعَانِ بِالخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَتَمَا وَكَذَبَا مُحِقَتْ بَرَكَةُ بَيْعِهِمَا» [رواه البخاري]

މާނައީ: “ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ. ފަހެ އެދެމީހުންވެސް ތެދުވެރިވެ، ބަޔާންކޮށްދީފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވެއެވެ. އަދި އެދެމީހުންވެސް ވަންހަނާކޮށް ދޮގުހަދައިފިނަމަ އެދެމީހުންގެ ވިޔަފާރީގެ ބަރަކާތް ކެނޑެއެވެ.”

* ރަޙިމުގެ ގުޅުން ޤާއިމު ކުރުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، أَوْ يُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [رواه البخاري]

މާނައީ: “ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ.”

* ކެއުމަށްޓަކައި ޖަމާވެ ބިސްމި ކިޔައި ކާން ފެށުން

ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން، އެކަލޭގެފާނުގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. އެއީ އެބޭކަލުން ކޭންބެއްލެވިޔަސް ބަނޑު ނުފުރޭކަމުގެ ޝަކުވާއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«اجْتَمِعُوا عَلَى طَعَامِكُمْ، وَاذْكُرُوا اسْمَ اللَّهِ، يُبَارَكْ لَكُمْ»

މާނައީ: “ކެއުމަށްޓަކައި ތިޔަބައިމީހުން އެއްވެ، ބިސްމިކިޔާށެވެ. އޭރުން ތިޔަބައިމީހުންނަށްޓަކައި ބަރަކާތްލެއްވޭނެއެވެ.”

* ނިކަމެތިންނަށް ހެޔޮކޮށް ހިތުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«هَلْ تُنْصَرُونَ وَتُرْزَقُونَ إِلَّا بِضُعَفَائِكُمْ» [رواه البخاري]

މާނައީ: “ތިޔަބައިމީހުންނަށް ނަޞްރު ލިބެނީ އަދި ރިޒްޤު ލިބެނީ ނިކަމެތިންގެ ސަބަބުން ނޫން ހެއްޔެވެ.”

މަސްދަރު: އިލްމު.އެމްވީ