Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ދޮންފަނު ކައުންސިލްގެ އިއުލާން ބާތިލު: އެލްޖީއޭ

ބ. ދޮންފަނުގެ ބިން ހިއްކުން ސަރުކާރުން ހުއްޓާލުމާ ގުޅިގެން ކަނޑުމަތީގައި މުޒާހަރާ ކުރުމަށް ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މިއަދު މަނާކުރި އެންގުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

ދޮންފަނު ބިން ހިއްކުން ސަރުކާރުން ހުއްޓާލުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އެރަށުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި ކައުންސިލުން ވަނީ އެެރަށުގެ ކަނޑުގެ ސަރަހައްދުގައި ސިލްސިލާކޮށް މުޒާހަރާކުރުމަށް ނިންމައި އެ ސަރަހައްދުގައި ޑައިވް ކުރުން މަނާކޮށްފައެވެ.

އެލްޖީއޭއިން ނެރުނު ނޫސް ބަޔާނުގައިވަނީ ލާމަރުކަޒީ ގާނޫނުގެ 56 ވަނަ މާއްދާގައި ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެެއްޓުމަށް ޓަކައި ރައްކާތެރިކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަަހައްދުތައް ވަކި ކައުންސިލެއްގެ އިހްތިޞާސްކަމުގައި ކަނޑައަޅައިފައި އޮތް ނަމަވެސް އެ ތަންތަނުގައި އިތުރު ހުއްދައަކާ ނުލައި ގާނޫނަކުން މަނާ ނޫން ކަންކަން ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ލިބިދީފައިވާ ކަމަށެވެ.

އެހެންކަމުން ދޮންފަނުގެ ފަރުގައި ފީނުމާއި، ޑައިވްކުރުން މަނާކޮށް އެ ރަށު ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި އެ ނިންމުން ނިންމުމުގެ ބާރު ކައުންސިލަށް ލިބިފައިނުވާތީ އެ އެންގުން ބާތިލްކުރަން ވެސް އެލްޖީއޭއިން ވަނީ އަންގައިފައެވެ.

ދޮންފަނު ބިން ހިއްކުން ހުއްޓާލިކަން ރައީސް ޑރ. މުއިއްޒު އިއްލާން ކުރައްވަމުން ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.