Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަރަދޫ "ބޮނޑޮގޭ" ގައި އާޓް ގެލެރީއެއް ހުޅުވަނީ

"ބޮނޑޮގެ" ކައިރީގައި ބަޔަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ އަހުމަދު ފާރިސް

ތާރީހީ ގޮތުން އައްޑޫގެ ވަރަށް ހާއްސަ ތަނެއް ކަމަށްވާ މަރަދޫ "ބޮނޑޮގެ" ގައި އާޓް ގެލެރީ ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެތަނުން މިހާރު ވަނީ މިކަމަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން އާޓް ގެލެރީ އަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށް ދިނުމަށް، ދިވެހި ހުނަރުވެރި ކުރެހުންތެރިންނަށްފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ ގެލެރީއަށް ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިޢާރަކަށް ވާންވާނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގުތިސާދު" ކަމަށެވެ.

މަރަދޫ ބޮޑުމަގުގައި ހުންނަ "ބޮނޑޮގެ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1941 ގައި އައްޑޫގައި ތިބި އިނގިރޭސި ސިފައިން މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތާރީޚީ ބިނާއެކެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާ އެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތް ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެތަނުގައި އާޓް ގެލެރީއެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު ހުރީ ހަމަޖައްސައިފައި ކަމަށެވެ.

"ބޮނޑޮގެ" ކައިރީގައި ބަޔަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ އަހުމަދު ފާރިސް

އެހެންވެ ގެލެރީ އަށް ކުރެހުންތައް ހުށަހަޅަން ޝައުޤުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން އެ މަސައްކަތް ފުރިހަމަ ކުރުމަކީ ކައުންސިލުގެ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

ކުރެހުންތައް ހުށަހަޅަން ޝައުގުވެރިވާ މީހުންނަށް އިތުރު މައުލޫމާތު މި ނަމްބަރު 9900533 އިން ހޯދޭނެ އެވެ.

"ބޮނޑޮގެ" ވަރަށް ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެކި ކަންކަމަށް ބޭނުން ހިފޭ ގޮތަށް އެތަން މަރާމާތުކޮށް ކައުންސިލުން އެތަން ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 11، 2016 ގަ އެވެ. އޭރު ތަން ހުޅުވައި އެކިއެކި ހަފުލާތައް ބޭއްވުމަށާއި ފިލްމު ދެއްކުން ފަދަ ކަންކަމަށް އިމާރާތް ކުއްޔަށް ދެމުން ގޮސްފައިވެ އެވެ.

"ބޮނޑޮގޭ" ގައި އާޓް ގެލެރީއެއް ހުޅުވަން ތައްޔާރުވެފައި މި ވަނީ މި ފަހުން ވެސް ގިނަ މަރާމާތުތަކެއްކޮށް، އެތަން އޭސީ ވެސް ކުރުމަށް ފަހު އެވެ.