Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ހަ އެއާޕޯޓް އެޅުމަށް 87 މިލިއަން ޑޮލަރު ޖަމާކުރިން: ސޯލިހު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަ އެއާޕޯޓެއް އެޅުމަށް ބޭނުންވާ 87 މިލިއަން ޑޮލަރު ހޯދައި ވަކި އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ.ބޮޑުފުޅަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާންގެ ވެރިކަމުގައި ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތް ކުރީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓު އެޅުމަށް އޭރު ސަރުކާރުން ނިންމައި އެކަމަށް ބޭނުންވާ 87 މިލިއަން ޑޮލަރު ހޯއްދަވައި އެ ވަކި އެކައުންޓަކަށް ޖަމާ ކުރެއްވި ކަމަށާއި އެ ފައިސާ މިހާރު ކޮބައިތޯ ރައީސް ސޯލިހު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަކުނުދޫ އާއި ބިލެއްދޫ އާއި ބެރިއަންފަރުގެ އިތުރުން ތުޅާދޫ އާއި މަގޫދޫ އަދި ވިލުފުށީގައި އެއާޕޯޓް އެޅުމަށް ނިންމި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއުއެއް ދެ އަަހަރުވާން ދާއިރު މި ސަރުކާރުން ނުހިންގާ ކަމަށް ވިދާޅުވެ އެ ފައިސާއަށް ވީގޮތަކާމެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކައްދޫ އެއާޕޯޓް ތަރައްޤީކުރަން ވެސް ފައިސާ ހޯއްދެވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ ގޮތުން 10 މިލިއަން ޑޮލަރު ބަހައްޓާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ރޭގެ ޖަލްސާގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތު އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި އެގޮތުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، އާސަންދަ ލިބޭ މީހަކު ވެސް މިހާރު ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް އާސަންދައިން ކުރާ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ވިޔަފާރިތައް ބަނގުރޫޓުވެފައިވާއިރު، މިއަހަރު ވެސް ސަރުކާރުން 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލުމާ ހަމައަށްދާއިރު، ކުރި ކަމެއްގެ ތަފްސީލެއް ސަރުކާރުން ކިޔައިނުދެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ

މީގެ އިތުރުން އެމަނިކުފާންގެ ވެރިކަމުގައި ފެއްޓެވި އާރުޓީއެލް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާނުކުރެވި އޮތުމުން ވެސް އެމަނިކުފާނު ފާޑުވިދާޅުވި އެވެ. ސޯލިހް ވިދާޅުވީ އެމްޑީޕީގެ ވެރިކަން އޮތްނަމަ 2024 ގެ ޖޫންއާ ހަމައަށް އާރްޓީއެލްގެ ހިދުމަތް މުޅި ރާއްޖެއަށް އޮންނާނީ ފެށިފައި ކަމަށެވެ.