Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ފްލެޓް އެއްބަސްވުމުގައި 3،119 މީހުން ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އެއްބަސްވުން ހަދައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ތަރައްޤީ ކުރި 4000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ 3،119 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އަދި އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ.

އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު އެވެ. އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ އެފްޑީސީން ބުނެ އެވެ.

މި 4،000 ފްލެޓުތަކުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.

މި މަޝްރޫޢުގައި 16 ޓަވަރު ހިމެނޭ އިރު އެ މަޝްރޫއުގެ 96 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.