ބ. ދޮންފަނުގެ ބިން ހިއްކުން ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ ރަށު ރައްޔިތުން ކަނޑުމަތީ މުޒާހަރާކުރަން ފަށައިފި އެވެ.
ދޮންފަނު ބިން ހިއްކުން ސަރުކާރުން ހުއްޓާލުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އެރަށުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި ދޮންފަނު ކައުންސިލުން އިއްޔެ ވަނީ އެެރަށުގެ ކަނޑުގެ ސަރަހައްދުގައި ސިލްސިލާކޮށް މުޒާހަރާކުރުމަށް ނިންމައި އެ ސަރަހައްދުގައި ޑައިވް ކުރުންވެސް މަނާކޮށްފަ އެވެ. ނަމަވެސް ޑައިވް ކުރުން މަނާކުރަން ކައުންސިލުން ނިންމި ނިންމުން އެލްޖީއޭ އިން ވަނީ ރޭ ބާތިލުކޮށްފަ އެވެ.
ދޮންފަނު ރައްޔިތުން ކަނޑުމަތީގައި މިއަދު މުޒާހަރާ ކުރިއަށް ގެންދަނީ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގަ އެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށާއި ރައްޔިތުންގެ އާދޭހުގެ އަޑުއެހުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ދޮންފަނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު ސަރުކާރުން މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމުން ރައީސް ވަނީ އެ މަޝްރޫއު ހުއްޓާލާން ނިންމައިފަ އެވެ.
މިކަމާ ގުޅިގެން ދޮންފަނު ކައުންސިލުން ބުނީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމީ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ރައްޔިތުން މިހާރު ބިން ހިއްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ދޮންފަނުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއު ކަމަށާއި ރައްޔިތުންނާއި ކައުންސިލްގެ އެދުމާއި ދެކޮޅަށް ނިންމި ނިންމުން އަނބުރާ ގެންދިޔުމަށާއި އަދި މި މަޝްރޫއު ކުރިއަށް ގެންދަން އެއްވެސް ދަތިކަމެއް ވާނަމަ އެކަމެއް ހައްލުކޮށްދީ ރައްޔިތުން އެދިފައިވާ ގޮތަށް ވީހާވެސް އަވަހަކަށް މި މަޝްރޫއު ފެށުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.