Last Updated: July 7, 20:14
Tuesday, July 7, 2026
ދުނިޔެ

ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް ސުޝިލާ ކާކީ

ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް ސުޝިލާ ކާކީ އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް ސުޝިލާ އައްޔަންކުރައްވާފައިވަނީ ނޭޕާލްގެ ރައީސް ރާމް ޗަންދްރާ ޕައުޑެލް އާއި އެގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަޝޮކް ރާޖް ސިގްޑެލްގެ އިތުރުން ނޭޕާލްގައި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުނު ޒުވާނުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.

ޝުޝިލާ އަކީ ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ. އަދި އޭނާ ވެގެން ގޮސްފައިވަނީ ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.

ނޭޕާލްގެ އެކި ސިޓީތަކުގައި މުޒާހަރާތައް ކޮށްފައިވަނީ އެގައުމުގައި ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި އަދި އެގައުމުގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށެވެ. ނޭޕާލްގެ ޒުވާނުން ކުރި ވަރުގަދަ މުޒާހަރާތަކާއެކު އެގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މުޒާހަރާތައް ހޫނުވެ އެންމެފަހުން އާންމުންގެ ބަޔަކު ވަނީ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ އެތައް ބައެއްގެ ގެތަކުގެ އިތުރުން ބައެއް ހޮޓެލްތަކުގައި ވެސް ހުޅުޖަހައިފަ އެވެ.

އެ މުޒާހަރާތަކުގައި 19 މީހަކު މަރުވިއިރު ނޭޕާލްގެ ސިފައިން މިހާރު އަންނަނީ ގައުމުގައި ހަމަޖެހުން ގާއިމުކުރަން ފިޔަވަޅުތައް އަޅަމުންނެވެ.