Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ފުލުހުން ގާނޫނު މުގުރާ ކަމަށް ބުނުމުން ހިތްހަމަނުޖެހިއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާން

ފުލުހުންނަކީ އަބަދުވެސް ގާނޫނު މުގުރާ ބައެއް ކަމަށް ބުނުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފުލުހުންނަކީ ވެރިން ރުއްސަން އަބަދުވެސް ގާނޫނު މުގުރާ ބައެއް ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން އިހުސާން ވިދާޅުވީ ފުލުހުންނަކީ ހުރިހާ ދިވެހިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤާނޫނުތައް ތަންފީޒުކުރުމުގައި އަގު ނުކުރެވޭފަދަ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް މުއައްސަސާއެއް ކަމަށެވެ. ނަމަވެސް އެތަނަކީ ވެސް ހިދުމަތް ދިނުމުގައި އިންސާނުން އުޅޭ ތަނަކަށްވާތީ، ކުރާ ހުރިހާ ކަމަކީ އެންމެ ފުރިހަމަ ކަމަކަށް ނުވެދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އަދި ހިދުމަތުގައި އުޅޭ ހުރިހާ އެންމެންނަކީ އަބަދު އެންމެ ފުރިހަމަ މީހުން ކަމުގައި ނުވެދާނެ ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް އިހުސާން ވިދާޅުވި އެވެ.

"ނަމަވެސް މަނިކުފާނު ފަދަ އިލްމީ ބޭފުޅެއް ކަމަށް ގިނަ މީހުން ޤަބޫލުކުރާ ބޭފުޅަކު ހުރިހާ ފުލުހުންނަށާއި އެ މުއައްސަސާއަށް ތި ވިދާޅުވި ބަސްފުޅަކީ ވަރަށް ޒިންމާދާރުކަން ކުޑަ ބަސްފުޅެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވަނީ ބިނާކުރަނިވި ފާޑުކިޔުމާއި ރަނގަޅު ކުރަންޖެހޭ ކަންކަމުގެ މަޝްވަރާ އަކީ ތަހުޒީބު މުޖުތަމައުއެއްގައި އޮންނަން ވާނެ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ފުލުހުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.